ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއީގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޑރ. ވަޙީދު އިސްތިއުފާގެ ސިޓީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.
ޑރ. ވަޙީދު މި މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެ ޖަލުގައި ހުއްޓާ މަރުވި އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީނާ އެމަނިކުފާނާ ދެމެދު އޮތް ގާތް ގުޅުން ހާމަވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި ލިޔެކިޔުންތަކާއި އީމެއިލްތަކުން އެނގޭ ގޮތުގައި، ޑރ. ވަޙީދު ނައިބު ރައީސްކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން އެޕްސްޓީނާއާ ގުޅުން އޮތެވެ.
އާންމުވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޑރ. ވަޙީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު މާލީ އަދި ސިޔާސީ ކަންކަމުގައި އެޕްސްޓީނުގެ ލަފާ ހޯއްދަވާފައިވެއެވެ. އަދި ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިއުޔޯކާއި ޕެރިހުގައި އެކި ފަހަރު މަތިން ބައްދަލުކުރައްވާފައިވާކަން ލީކުވި ފައިލްތަކުން ހާމަވެއެވެ. މި ބައެއް ބައްދަލުވުންތަކުގައި އެމަނިކުފާނުގެ އާއިލީ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖެފްރީ އެޕްސްޓީނަކީ އޭނާގެ އަމިއްލަ ރަށަށް ކުޑަކުދިން ގެންގޮސް، އޭނާގެ ގާތް މީހުންނާއެކު އެކުދިންނަށް ޖިންސީ އަނިޔާކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، 2019 ވަނަ އަހަރު ޖަލުގައި ހުއްޓާ މަރުވި މީހެކެވެ. މި މައްސަލައާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި މަޝްހޫރު މަހުޖަނުންގެ ނަންތައް ފެންމަތިވަމުންދާއިރު، މީގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ބުޝް އާއި ބިލް ކްލިންޓަންގެ އިތުރުން ބިލް ގޭޓްސް ފަދަ ބޭފުޅުންގެ ނަންތައް ހިމެނެއެވެ.
ރައީސް މުޢިއްޒުގެ ސްޕެޝަލް އެންވޯއިއަކަށް ޑރ. ވަޙީދު އައްޔަން ކުރެއްވީ މީގެ އަށް މަސް ކުރިން، ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަ ކުރުމުގެ މަޤްޞަދުގައެވެ. ޑރ. ވަޙީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ނައިބު ރައީސްކަމުގެ އިތުރުން، އދ. ގެ އިދާރާތަކުގައި ވެސް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެޕްސްޓީނާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ޑރ. ވަޙީދު އަދި ރަސްމީކޮށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

