ޒަކާތުގެ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހިދުމަތް ހޯދާ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓުމުގެ މަގުސަދުގައި “ޒަކާތު އަސްނާފު ކާޑު” މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ކާޑަކީ މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތުގެ ނިޒާމު ޒަމާނީކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާހު ކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދެވެ. މި ކާޑު ހާއްސަކޮށްފައި ވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މި އައު ނިޒާމުގެ ދަށުން، އެހީއަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު ތަކުރާރުކޮށް ލިޔެކިޔުންތައް ހުށަހަޅަންޖެހޭ އުނދަގޫ މަރުހަލާ ނިމުމަކަށް އަންނާނެއެވެ. ކާޑުގައި ހިމެނޭ ކިއުއާރް ކޯޑު ސްކޭންކޮށްލުމުން، އެހީއަށް ޝަރުތުހަމަވާ ފަރާތުގެ ކަށަވަރުކުރެވިފައިވާ މައުލޫމާތުތައް ވަގުތުން ފެންނަން ހުންނާނެއެވެ. މީގެ ސަބަބުން އިދާރީ ހިންގުން އަވަސްވެ، ހާމަކަން ބޮޑު ގޮތެއްގައި އެހީ ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒަކާތުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެކެވެ. މިއީ ޒަކާތު ހައުސްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ފުރަތަމަ މަރުހަލާ ކަމަށާއި، މީގެ ބޭނުމަކީ ހުރިހާ އެހީގެ ޕްރޮގްރާމްތަކެއް ޝަރުއީ ހަމަތަކުގެ މަތީން އެއް ޑިޖިޓަލް ނިޒާމަކުން ގުޅާލުން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ޒަކާތް ބެލެހެއްޓުމުގައި އަދުލުވެރިކަމާއި އޯގާތެރިކަން އިސްކުރުމަށް ފެށި މި މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ތަނުގައި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ހިދުމަތްތައް ހޯދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

