ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުން ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ގޯތީގެ ރަޖިސްޓަރީ ބަލައިގަތުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭނަށް ރިޢާޔަތްކޮށް، ގޯތިތަކުގެ ލޮޓް ނަންބަރުތަކަށް ބަދަލު އައުމާ ގުޅިގެންނެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގުޅީފަޅުން ދޫކޮށްފައިވާ ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް އައު އެއްބަސްވުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނީ 15 މާރިޗުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު މިހާރު ވަނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ހުޅުވާލާފައެވެ.
އެޕޮއިންޓްމަންޓަށް އެދި ހުށައަޅާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަދި ފޯނަށް ފޮނުވާ އެސްއެމްއެސްއެއްގެ ޒަރިއްޔާއިން، ރަޖިސްޓަރީއާއި އެއްބަސްވުމާ ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން އަންގާނެ ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދެއެވެ
ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
– 1650 އަކަފޫޓުގެ 181 ގޯތި
– 2050 އަކަފޫޓުގެ 242 ގޯތި
– 2450 އަކަފޫޓުގެ 132 ގޯތި
– 2850 އަކަފޫޓުގެ 62 ގޯތި
– 3250 އަކަފޫޓުގެ 41 ގޯތި
– 3650 އަކަފޫޓުގެ 16 ގޯތި
– 4000 އަކަފޫޓުގެ 24 ގޯތި
ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރާ ސަރަހައްދުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެކަނިވެސް ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ސަރަޙައްދުގެ އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް ގުރުއަތުލުން ބާއްވާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

