މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތަކީ ލޭ ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމް.ޕީ.އެލް ހެޑް އޮފީސް (ބަނދަރު މާލަން) ގައެވެ. މި ހަރަކާތް ކުރިއަށްދާނީ މާދަމާ ހެނދުނު 11:30 އިން ފެށިގެން އިރުއޮއްސި 18:30 އާ ހަމައަށެވެ. މި ހަރަކާތަކީ އެމްޕީއެލް އާއި އެމްބީއެސްގެ އިތުރުން “ލޭ އެޕް” ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތާ ގުޅޭގޮތުން އެމްޕީއެލް އިން ބުނީ، “ހަދިޔާ ކުރާ ލެޔަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް ވެދެވޭ އަގުހުރި އެހީތެރިކަމެއް،” ކަމަށެވެ. އެ ކުންފުނިން ދެކޭގޮތުގައި މިއީ މުޖުތަމައަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު ހިދުމަތެކެވެ.
އެމްޕީއެލް އަކީ މީގެ ކުރިންވެސް ތަކުރާރުކޮށް ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވަމުން އަންނަ ކުންފުންޏެކެވެ. ލޭ ހަދިޔާކުރުމަށް ބާއްވާ މިފަދަ ހަރަކާތްތަކަކީ އެ ކުންފުނިން އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތްތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މޯލްޑިވްސް ބްލަޑް ސާވިސްއަށް ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ވަގުތުތަކުގައި، ސަރުކާރުގެ އެކި ކުންފުނިތަކާއި މުއައްސަސާތަކުން އިސްނަގައިގެން މިފަދަ ކޭމްޕްތައް ބޭއްވުމަކީ ލޭގެ ސްޓޮކް އިތުރުކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

