ނޫނު އަތޮޅުގެ ތިން ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ހިދުމަތް އަލަށް ފަށާފައިވަނީ ނ. މާފަރު، ނ. މިލަދޫގެ އިތުރުން ނ. މާޅެންދޫގައެވެ.
މި ރަށްތަކުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީއެއް ގާއިމްކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އެ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ 76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ލިބޭކަށް ނެތެވެ. އެހެންކަމުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޕޮއިންޓް އޮފް ކެއާގެ އުސޫލުން ނަމަވެސް އެ ރަށްތަކުގައި ވީހާވެސް އަވަހަކަށް ހިދުމަތް ފަށައިގަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އެގޮތުން ވޭތުވެތިޔަ އަހަރުގެ ތެރޭގައި ވަނީ ޕޮއިންޓް އޮފް ކެއާގެ ހިދުމަތް ފަށައިގަނެ އަދި 2025 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސިޔާސަތެއް ގޮތުގައި ރައީސް ނިންމަވާފައި ވަނީ މިތަންތަނުގައި ފިސިކަލް ލެބޯޓްރީއެއް ގާއިމް ކުރެވި ލެބް ޓެކްނޮލޮޖިސްޓެއް ބަހައްޓައިގެން ހިދުމަތް ދިނުމަށް،” މިނިސްޓަރު
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ 76 ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ލެބޯޓްރީގެ ހިދުމަތް ދިނުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މިއީ ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ބަލިތައް ދެނެގަތުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

