-ރ. އަތޮޅުގެ އާބާދީ ބޮޑު ދެ ރަށް ކަމަށްވާ އުނގޫފާރާއި ދުވާފަރާ ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ސީދާ ދަތުރުތައް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ. މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.
އެމްޓީސީސީން ބުނީ މިއީ ރާއްޖެ ހައިސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 2 ގައި ހިމެނޭ ރ. އަތޮޅަށް އިތުރުކުރި އައު ރޫޓެއް ކަމަށެވެ. މި ބަދަލަކީ އާބާދީ ބޮޑު ދުވާފަރަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި އައު ރޫޓުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 25 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. މީގެ ތެރެއިން 2 ސީޓު ޚާއްސަކޮށްފައިވަނީ އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. މި ރޫޓުގެ ދަތުރުތައް ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ކުރިއަށްދާނެއެވެ.
ރ. އަތޮޅުގެ ވެރިކަން ކުރާ ރަށް އުނގޫފާރާއި، 3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދުވާފަރާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުއިފަސޭހައެކެވެ. ޚާއްސަކޮށް އަތޮޅު ހޮސްޕިޓަލާއި އެހެނިހެން މުހިންމު ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ފަރާތްތަކަށް މީގެ ސަބަބުން ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެއެވެ.
ރ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މިހާތަނަށް އެ އަތޮޅުގައި ޚިދުމަތް ދެމުން އައީ 3 ރޫޓަކަށް 2 ފެރީ ބޭނުންކޮށްގެންނެވެ. ރ. އަތޮޅުގެ މީހުން ދިރިއުޅޭ 15 ރަށުގެ ގާތްގަނޑަކަށް 24,000 މީހުންގެ އާބާދީއަށް މި ޚިދުމަތުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
މި ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

