ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އަމާޒުކޮށްގެން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ. އެސްޓީއޯ ހެޑް އޮފީސް ކުރިމަތީގައި ހުންނަ މ. ޝިންގަލްގައި ގާއިމުކުރި މި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މާލޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ހަމަޖެހުން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ތަންފީޒުކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށެވެ. އެހެންކަމުން، މާލޭގެ މޭޔަރުގެ މަޤާމަށް އެ ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލު އިންތިޚާބު ކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕީއެންސީން މިހާރުވެސް މާލޭގެ އެކި ދާއިރާތަކުގައި ކެމްޕޭން ޖަގަހަތައް ހުޅުވަމުންދާއިރު، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

