އިޖުތިމާޢީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަމަތަކާއި މިންތައް ހިފަހައްޓައި، އެކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ކެންޑިޑޭޓުން ނަމޫނާ ދައްކަވާނެ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެމްޕޭން ހަރަކާތްތައް މާފަންނު ހުޅަނގުގައި ރަސްމީކޮށް ފެށުމަށް، ރޭ އެ ދާއިރާގެ ކެމްޕޭން ޖަގަަހަ ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒުކުރުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން އިންތިޚާބުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ރޭއްވެވި ކަންކަން ތަންފީޒުކުރުމަށް މިއަދު މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައީސްގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކުރުމަކީ މާލޭގެ ތަރައްޤީއަށާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލާއި، އެހެނިހެން މަޤާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ޚިދުމަތުގެ ދާއިރާގައި ޤާބިލުކަން ސާބިތުކޮށްދީފައިވާ ބޭފުޅުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ކެންޑިޑޭޓުންނަކީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ބޭފުޅުން ކަމުގެ ޔަޤީންކަން ވެސް ނައިބު ރައީސް ވަނީ ދެއްވާފައެވެ.

