ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 29 ރަށެއްގެ ސްކޫލްތަކުގައި އައު އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެވެ. އެގޮތުން 18 މަޝްރޫޢެއް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ 6 މަޝްރޫޢެއް އަދި އެމް.ޓީ.ސީ.ސީ އާ 4 މަޝްރޫޢެއް ވަނީ ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، ދަރިވަރުންނަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި އިމާރާތްތަކުގެ ސަބަބުން ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުގެ ކުންފުނިތަކާ މި މަސައްކަތްތައް ހަވާލުކުރުމުގެ މައިގަނޑު މަގްސަދަކީ މަސައްކަތްތައް އަވަސް މިނެއްގައި ނިންމައި، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރަށްރަށުގެ ސްކޫލްތަކަށް ފޯރުކޮށްދިނުމެވެ. މި މަޝްރޫޢުތަކުގެ ދަށުން ކުރިއަށްދާނީ ކްލާސްރޫމްތަކާއި، މަލްޓި-ޕާޕަސް ހޯލްތަކުގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އެހެނިހެން އިމާރާތްތަކުގެ މަސައްކަތެވެ.

