މަޝްހޫރު މިއުޒިކް ބޭންޑު "ޓޫ އޮފް އަސް" އާ މެދު ކުރެވޭ ނޭދެވޭ ތުހުމަތުތަކަކާ ގުޅިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އެމްބެސެޑަރު ކަމުން އެ ބޭންޑު ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފިއެވެ. މި ފިޔަވަޅު އެޅީ ބޭންޑުގެ އިސްވެރިންނާ މެދު ކުރެވޭ ތުހުމަތުތަކުގެ ސަބަބުން ކުންފުނީގެ އަގުވެއްޓި ނަން ހުތުރުވަމުންދާތީ ކަމަށް ވީއެމްސީން ބުނެފައިވެއެވެ.
ވީއެމްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ސޮއިކުރައްވާ ބޭންޑުގެ ލަވަކިޔުންތެރިޔާ އަހްމަދު އަދުހަމްއަށް ފޮނުއްވި ސިޓީގައިވާ ގޮތުން، އެ ކުންފުނިން ކުރިއަށް ގެންދިޔަ އިންޓާނަލް ރިވިއުއަކަށް ފަހު ބޭންޑުގެ އެމްބެސެޑާޝިޕް ސަސްޕެންޑުކުރަން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، ކުންފުނީގެ ނަމާއި ލޯގޯ އަދި އެއްވެސް ބްރޭންޑިންއެއް ބޭނުންކުރުމާއި، ވީއެމްސީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން އެ ބޭންޑަށް ވަނީ މަނާކޮށްފައެވެ.
"ޓޫ އޮފް އަސް" ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ. ނަމަވެސް، އެ ބޭންޑާ ގުޅޭ ގޮތުން ފެތުރެމުންދާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ އިމޭޖަށް ނޭދެވޭ އަސަރު ކުރަމުންދާތީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އެމްބެސެޑާޝިޕް ސަސްޕެންޑުކުރިކަން އަންގާފައެވެ.
ވީއެމްސީން އަންގާފައިވާ ގޮތުގައި، ސިޓީ ފޮނުވި ތާރީހުން ފެށިގެން އެ ބޭންޑުން ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރު ކަމަށް ދައްކައިގެން ނުވާނެއެވެ. އަދި ކުންފުނީގެ އެއްވެސް އިންޓެލެކްޗުއަލް ޕްރޮޕަޓީއެއް ބޭނުންކުރުމާއި، ޕްރޮމޯޝަންތަކާއި މުއާމަލާތްތަކުގައި ބައިވެރިވުން ވެސް ވަނީ މަނާކޮށްފައެވެ.
"ޓޫ އޮފް އަސް" އަށް މައިގަނޑު ގޮތެއްގައި ކުރެވެނީ މަކަރާއި ހީލަތުގެ ތުހުމަތުތަކާއި، ފައިސާގެ މައްސަލަތަކުގެ އިތުރުން އަޚްލާޤީ މައްސަލަތަކުގެ ތުހުމަތުތަކެވެ. ބޭންޑަށް ލިބޭ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ބުނެ، މިދިޔަ މަހުގެ ތެރޭގައި އެ ބޭންޑުގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބޭންޑުން ވަކިވެފައެވެ.
ރާއްޖެއިން ބޭރުގެ އެކި މަންސަތަކުގައި ރާއްޖެ ތަމްސީލުކޮށް ބޮޑު މަޤުބޫލުކަމެއް ހޯދި މި ބޭންޑުގެ އަގު މިހާރު ވަނީ މި މައްސަލަތަކާ ގުޅިގެން ވަރަށް ބޮޑަށް ވެއްޓިފައެވެ. މި ސަސްޕެންޝަނަކީ ބޭންޑާ މެދު ކުރެވޭ ތުހުމަތުތަކާ ގުޅިގެން ވީއެމްސީން އެޅި ހަރުކަށި ފިޔަވަޅެކެވެ.

