ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެއް 10 މީހަކު ފުރިހަމަކޮށްފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރީސާޗް އިންސިޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމް" ގެ ދަށުން ހިންގުނު ކޯހެކެވެ.
މި އަހަރުގެ ފުރަތަމަ ބޭސިކް މެރިކަލްޗަރ ޓްރެއިނިން ކޯސް ކުރިއަށް ގެންގޮސްފައިވަނީ ޖަނަވަރީ 24 އިން ފެބްރުއަރީ 5 ގެ ނިޔަލަށް ކ. މަނިޔަފުށީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިހާރު ވަނީ މި ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް އިތުރުކޮށްފައެވެ.
ވަރލްޑް ބޭންކުގެ އެހީގައި ހިންގާ "ޓްރާންސްފޯމް ޕްރޮޖެކްޓް" ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާނެ ގޮތަށް މަސައްކަތް ކުރާނެ ގޮތުގެ އަމަލީ ތަޖުރިބާވެސް ވަނީ ފޯރުކޮށްދީފައެވެ.
ކޯހުގެ ބައިވެރިންނަށް ކިޔަވައިދީފައިވާ މުހިންމު ބައިތަކުގެ ތެރޭގައި
- ‘ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން،
- ހުއިފިލަނޑާ ވިއްސައި ބޮޑުކުރުން،
- މޫދުވިނަ (ސީވީޑް) ހައްދައި އާލާކުރުމުގެ ތިއަރީ ހިމެނެއެވެ.
މި ތަމްރީންތަކުގެ ސަބަބުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާވެގެންދާނެއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކުރުމެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 64 ބައިވެރިން ވަނީ ބޭސިކް މެރިކަލްޗަރ ކޯހުގެ ތަމްރީނު ފުރިހަމަކޮށްފައެވެ.

