ނިމިދިޔަ ޖަނަވަރީ މަހު މަސްވެރިން ކިރުވި މަހަށް ޖުމްލަ 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ މަހު މިފްކޯއަށް ޖުމްލަ 236 ދޯންޏަކުން މަސްކިރުވާފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިފްކޯއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަހު ޖުމްލަ 2454.34 ޓަނުގެ މަސް ވަނީ ކިރާފައެވެ. މި މަހަށް ދޫކުރި ޖުމްލަ ފައިސާގެ އަދަދަކީ 40,396,111.60 ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހާއި، 10 ކިލޯއިން މަތީގެ ކަންނެލީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެއްޏެވެ. މީގެ ތެރެއިން އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަހަށެވެ.
މަސްކިރުވި ބާވަތްތަކުގެ ތަފްސީލު:
ކަޅުބިލަމަސް: 199 ދޯންޏަކުން 2301.73 ޓަނުގެ މަސް ކިރުވާފައިވާއިރު، މި ބާވަތަށް 36.9 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކަންނެލި (10 ކިލޯއިން މަތި): 168 ދޯންޏަކުން 80.45 ޓަނު ކިރުވާފައިވާއިރު، މި ބާވަތަށް 1.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކަންނެލި (15 ކިލޯއިން މަތި): 148 ދޯންޏަކުން 72.16 ޓަނު ކިރުވާފައިވާއިރު، މި ބާވަތަށް 1.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ގެންދަވަނީ މަސްވެރިން ކިރުވާ މަހަށް އެންމެ ލަސްވެގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންނެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭން ފެށުމާއެކު، މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް މިހާރު ވަނީ ހެދިފައެވެ.
މަސްވެރިންގެ ދަފްތަރު އެކުލަވާލައި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމެވެ.

