ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ރައްކާތެރި ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި އެކުލަވައިލި “ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ސިޔާސަތަކީ މި ދާއިރާ އިތުރަށް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޤައުމީ ސިޔާސަތު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމެވެ. މި ސިޔާސަތަކީ ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް މުޅި ރާއްޖޭގައި ފުޅާކޮށް ތަރައްޤީކުރުމަށް މަގުދައްކައިދޭނެ މުހިންމު އޮނިގަނޑެކެވެ.
މި ސިޔާސަތުގެ ދަށުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. އޭގެ އިތުރުން، ރާއްޖޭގެ ގުދުރަތީ މީރުފެން ރައްކާތެރިކުރުމާއި، މި ދާއިރާއަށް އައު އީޖާދުތަކާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކުރުމަށް ވެސް މި ސިޔާސަތުގައި އިސްކަންދީފައިވެއެވެ.
މީގެ އިތުރުން، ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމުގެ އިތުރުން، ފެނާއި ނަރުދަމާގެ ނިޒާމުތަކަށް އާންމުން ހޭލުންތެރިކުރުވުމަކީ ވެސް މި ސިޔާސަތުގެ ދަށުން ހާއްސަ އަހަންމިއްޔަތުކަމެއް ދެވިގެން ކުރިއަށްދާނެ ކަންކަމެވެ.

