ނައިޖީރިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ދަ ވޮއިސް ނައިޖީރިއާ" އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޒުވާން ލަވަކިޔުންތެރިޔާ އިފުނަންޔާ ނުވަންގީން، ނިދާފައި އޮއްވާ ހަރުފަ ވިހަ ލުމުހެ ސަބަބުން މަރުވެއްޖެއެވެ. އުމުރުން އެންމެ 26 އަހަރުގެ އިފުނަންޔާ މަރުވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިފުނަންޔާ ދިރިއުޅެމުންދިޔަ އަބޫޖާގައެވެ. އޭނާގެ ގާތް އެކުވެރިއަކު މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ނިދާފައި އޮއްވާ ހަރުފަ ވިހަ ލުމުން ހޭލެވުނު ކަމަށާއި، ފަހުން ބެލިބެލުމުން އޭނާ ދިރިއުޅޭ ގޭގެ ތެރެއިން ދެ ހަރުފަ ފެނިފައިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކަމާބެހޭ މާހިރުން ވަނީ އެ ގޭގެ ތެރެއިން ހަރުފަ ނެރެފައެވެ.
ހަރުފަ ހެފުމާއެކު އިފުނަންޔާ ވަނީ ވަގުތުން ކައިރީގައި ހުރި ކްލިނިކަކަށް ގޮސްފައެވެ. ނަމަވެސް އެތަނުގައި އެންޓިވެނަމް ނުވަތަ ވިހައާ ދެކޮޅަށްދޭ ފަރުވާ ނެތުމުގެ ސަބަބުން އޭނާ ވަނީ ފެޑަރަލް މެޑިކަލް ސެންޓަރަށް ބަދަލުކޮށްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ވަގުތު ފާއިތުވެ، އޭނާ ވަނީ މަރުވެފައެވެ.
އިފުނަންޔާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ކާމިޔާބު އާކިޓެކްޓެއްވެސް މެއެވެ. އޭނާ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ "ދަ ވޮއިސް ނައިޖީރިއާ" ގެ ތިންވަނަ ސީޒަނުންނެވެ. އޭނާގެ ކޮއިލް މެމްބަރުންނާއި މިއުޒިކީ ދާއިރާގެ ފަރާތްތަކުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އުންމީދީ އަދި ހުނަރުވެރި ފަންނާނެކެވެ. "އިފުނަންޔާ އަކީ އޭނާގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލުމުގެ މަގުމަތީގައި ހުރި ތަރިއެއް،" އޭނާގެ ކޮއިލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މަރުވުމުގެ ތިން ދުވަސް ކުރިންވެސް އިފުނަންޔާ ދިޔައީ އޭނާގެ އާ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. އޭނާ ދިޔައީ މިއުޒީޝަން "ޓީބްރާސް" އާއެކު އާ ލަވައެއް ރެކޯޑު ކުރަމުންނެވެ. އަދި އޭނާގެ ފުރަތަމަ ސޯލޯ ކޮންސެންޓް ބޭއްވުމަށްވެސް ދިޔައީ ތައްޔާރުވަމުންނެވެ. ނަމަވެސް މި ކުއްލި މަރުގެ ސަބަބުން އެ ހުރިހާ ހުވަފެންތަކެއް ވަނީ ފެނަށް ވެގެން ގޮސްފައެވެ.

