މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ރާއްޖޭގައި އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ޤާއިމުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ‘މޯލްޑިވްސް 2.0’ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި އާންމު ޚިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުމަށް ފެށި ޤައުމީ ފެންވަރުގެ މަޝްރޫޢެކެވެ.
މި ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ އިދާރާތަކަށާއި އިޤްތިސާދީ ދާއިރާތަކަށް ރައްކާތެރިކަމާއެކު ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް، ވިލުންތެރި އިޤްތިސާދެއް ބިނާކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ޙައްލުތައް ހޯދައިދިނުމަކީވެސް މި ސެންޓަރުގެ އަމާޒެކެވެ. މި މަސައްކަތުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރާއި ޓެކްނޮލޮޖީ ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގައި ބީއެމްއެލް ބައިވެރިވަނީ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ. ބޭންކުން ހޯދާފައިވާ ޑިޖިޓަލް ޕޭމަންޓް، ފައިނޭންޝަލް ޓެކްނޮލޮޖީ، އަދި ޑޭޓާ އެނަލިޓިކްސްގެ ތަޖުރިބާ މި ސެންޓަރުގެ މަސައްކަތްތަކަށް ބޭނުންކުރާނެއެވެ. މީގެ ސަބަބުން ސަރުކާރުގެ އިދާރާތަކުން ޑޭޓާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ފަސޭހަވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބީއެމްއެލުން ދެކެއެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިއަންނަ އޭޕްރީލް މަހު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ސެންޓަރު މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާލީ އޮނިގަނޑާއި ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމުގެ މަސައްކަތްތައް އެއް މިސްރާބަކަށް ގެނެސް، ޒަމާނީ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.

