ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފިއެވެ.
މި މަޝްރޫޢަކީ 9 ސެޕްޓެމްބަރު 2025 ގައި ނިންމާ ގޮތަށް، 730 ދުވަހުގެ މުއްދަތަކަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ދައުލަތުގެ މީޑިއާގެ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޘީމް ވިދާޅުވީ، މަޑިފުށީ މަގު ހެދުމުގެ މަސައްކަތަކީ 2013 ވަނަ އަހަރު ރައީސް ޔާމީންގެ ދައުރުގައި، އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައި ފެއްޓެވި މަސައްކަތެއް ކަމަށެވެ. ނަމަވެސް އެ ދައުރު ނިމުމާއެކު، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ހުއްޓިފައި އޮތުމަށްފަހު، މި ސަރުކާރުން މިހާރު ވަނީ އަލުން އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސައްކަތް ފެށުން ލަސްވާތީ ރައްޔިތުން ކުރާ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ނަޘީމް ވިދާޅުވީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްދާ މަޝްރޫޢަކަށް ވާތީ، ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ގިނަ ސާވޭތަކެއް ކުރަންޖެހޭ ކަމަށެވެ. މީގެ ތެރޭގައި ރަށުގެ ފެން ހިންދާ ނިޒާމު ފަރުމާކުރުމާއި، މަގުތަކާއި ގޭގޭގެ ލެވެލްތައް ބަލައި، މުޅި ރަށަށް ފިޓްވާނެހެން ޑިޒައިން ފައިނަލްކުރުން ހިމެނެއެވެ.
“މަގު ހެދުމުގެ މަޝްރޫޢުތަކުގައި ސޮއިކުރަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށްވާތީ، ކޮންމެ ރަށެއްގެ ވެސް ޚާއްޞަ ހާލަތަށް ރިއާޔަތްކޮށް ވަކި ޑިޒައިންއެއް ތައްޔާރުކުރަން ޖެހޭ. މިގޮތުން ފެން ހިންދާ ނިޒާމު ގާއިމުކުރާނެ ގޮތް ބެލުމަށްޓަކައި މުޅި ރަށުގެ ސާވޭއެއް ހަދައި، މަގުތަކާއި ގޭގޭގެ އުސްމިނަށް އަންނާނެ ބަދަލުތައް ދެނެގަންނަން ޖެހޭ. އެހެންކަމުން، އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން މަހެއްހާ ދުވަސް ތެރޭގައި އަމަލީ މަސައްކަތް ނުފެށެނީ، މިފަދަ ފަންނީ ގިނަ މަސައްކަތްތަކަކާއި، ކޮންސެޕްޓް ފައިނަލް ކުރުމުގެ އިތުރުން ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާތައް ކުރިއަށްގެންދަން ޖެހޭތީ،” ނަޘީމް
“އަޅުގަނޑުމެންނަށް އީ.އައި.އޭ އެޕްރޫވަލް ނުލިބެނީސް އެހާ ހިސާބަށް މަސައްކަތްތަކެއް ނުއެއް ގެންދެވޭނެ. އެހެންވީމަ އެއީ ގާތްގަނޑަކަށް ދެ މަހެއްހާ ތިން މަހެއްހާ ދުވަހުގެ މުއްދަތެއް ޢަމަލީގޮތުން ރަށްރަށުގައި މަސައްކަތް ފެށުމަށް ނަގާނެ ވަގުތަކީ،” ނަޘީމް
މީގެ އިތުރުން މަގު ކޮނުމުގެ ކުރިން ޖަންކްޝަންތައް ފަދަ ތަކެތި ކާސްޓްކޮށް، އެ ތަކެތި ހިކުމަށް ބޭނުންވާ މުއްދަތު ދިނުމަކީ ވެސް ކުރަންޖެހޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަޘީމް އިތުރަށް ވިދާޅުވީ ތ. އަތޮޅުގެ ގާތްގަނޑަކަށް އަށް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީން ކުރަމުންދާ ކަމަށެވެ. އެގޮތުން މަޑިފުށީގެ އިތުރުން ގުރައިދޫ އާއި ވިލުފުށީގައި ވެސް ސާވޭ ޓީމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މަޑިފުށީގެ މަގު ހެދުމުގެ މަސައްކަތް މިހާރު އަލުން ފަށާފައިވާތާ ހަފުތާއެއް ވެފައިވާއިރު، އިރާދަކުރެއްވިއްޔާ ދެން އެ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ވަނީ ދެއްވާފައެވެ.

