ޗާގޯސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ކުރީގެ ސަރުކާރުން ދޫކޮށްލި ކަނޑުގެ ސަރަހައްދު ވެސް ހިމެނޭ ގޮތަށް ކަމަށް ނިންމަވައި އެކަން އިއުލާނު ކުރައްވާ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ މިލްކިއްޔާތާއި ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފޯޅަވައްސާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތަނަކީ އިސްތިއުމާރީ ބާރުތައް މި ސަރަހައްދަށް އައުމުގެ އެތައް ގަރުނެއް ކުރިއްސުރެ ދިވެހިން ދަންނަ، އަދި ދިވެހި ކާބަފައިން ނަން ކިޔަމުން އައިސްފައިވާ ތަނެއް ކަމަށެވެ. “ދިވެހި ކަނޑުވެރިކަަމުގެ ފޮތްތަކުގައި އެތަނުގެ ނަން، ދިވެހިންގެ ދޫދޫމަަތިން ފޯަޅަވައްސާބެހޭ ވާހަތައް ނަގުލުވަމުން އައިސްފައިވޭ،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހި ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ވެސް ދިވެހި ރަސްކަމުގެ ފަރާތުން ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ތާރީހުން ކަށަވަރުވެއެވެ. އެހެންކަމުން، ރާއްޖޭގެ ސިޔާދަތާ ގުޅިފައިވާ މި މުހިންމު މައްސަލާގައި ރާއްޖޭގެ ހައްގުތައް ހޯދުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

