މަޝްހޫރު ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ކަނޑުއަޑީގައި ގާއިމްކުރި ގައުމީ ދެ ރެކޯޑެއް މޯލްޑިވްސް ބުކް އޮފް ރެކޯޑްސްގައި ރަސްމީކޮށް ހިމަނައިފިއެވެ. ‘އެކްރޮސް މޯލްޑިވްސް 2026’ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މިކަން އިއުލާންކުރީ ވިޒިޓް މޯލްޑިވްސް އާއި ޝަފްރާޒް ނައީމް ގުޅިގެން އިއްޔެ ހުޅުމާލެ ފޭސް 1ގެ ބީޗު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ހަފްލާގައި ޝަފްރާޒް ނައީމަށް ހަނދާނީ ފިލާ އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ. ޝަފްރާޒް ވަނީ މި އިވެންޓުގެ ތެރެއިން ތިން އަތޮޅަކަށް ކަނޑުއަޑިން ދަތުރުކޮށް، މޯލްޑިވްސް ބުކް އޮފް ރެކޯޑްސްއިން ބަލައިގަންނަ ތިން މަގާމެއް ރަސްމީކޮށް ކަށަވަރުކޮށްފައެވެ.
މޯލްޑިވްސް ބުކް އޮފް ރެކޯޑްސްއިން ރަސްމީކޮށް ބަލައިގަތް ދެ ރެކޯޑަކީ:
- ކަނޑުއަޑީގައި އެންމެ ދުރު ރާސްތާއަކަށް ދަތުރުކުރުން: ދެ ހަފްތާގެ ތެރޭގައި ޖުމްލަ 335 ކިލޯމީޓަރުގެ ދުރުމިނަކަށް، 55 ޑައިވް ފުރިހަމަކޮށް، 75 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކޮށްގެން ގާއިމްކުރި ރެކޯޑެކެވެ.
- މެދުނުކެނޑި އެންމެ ދުރު ރާސްތާއަކަށް ފީނުން: އެއް ސެޝަނެއްގައި 5 ގަޑިއިރާއި 30 မိނެޓަށް ވުރެ ގިނަ ވަގުތު ހޭދަކޮށް، މެދުނުކެނޑި 16.5 ކިލޯމީޓަރަށް ފީނައިގެން ގާއިމްކުރި ރެކޯޑެކެވެ.
މީގެ އިތުރުން، 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްއާ ގުޅުވައިގެން ޝަފްރާޒް ގާއިމްކުރި 50 ގަޑިއިރު މެދުނުކެނޑި އޯޕަން ވޯޓާ ސްކޫބާ ޑައިވިން ރެކޯޑު ވެސް އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ރަސްމީކޮށް ބަލައިގެންފައެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަފްރާޒް ބުނީ، "މި ރެކޯޑްތަކުގެ އަސްލު ބޭނުމަކީ ޓެކްނިކަލް ޑައިވިންގެ ދާއިރާއިން ދިވެހިންނަށް ހިތްވަރުދީ، ރާއްޖޭގެ ކަނޑުތަކުގެ މާހައުލު ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުން" ކަމަށެވެ. ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަކީ އެޑްވެންޗަރު ޓޫރިޒަމަށް ހާއްސަ، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މިއީ ރާއްޖޭގެ ކަނޑުތަކުގެ ފުރިހަމަކަން ދުނިޔެއަށް ދައްކައިދިނުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ފަރާތުން ގަބޫލުކުރެއެވެ.


