އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކޮށް، މި އަހަރުގެ ތެރޭގައި ހުޅުވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. މިއީ ރާއްޖޭގައި ޤާއިމްކުރާ މިފަދަ ފުރަތަމަ އިންޓަރެކްޓިވް ޑިޖިޓަލް ދާރުލްއާސާރެވެ.
މި މަޝްރޫޢަކީ ދިވެހި ތަރިކަ އިޔާދަކޮށް، އެ ތަރިކަ ދިވެހީންނަށް އޭގެ ހަޤީޤީ މާނައިގައި ރައްދުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، ތަރިކައިގެ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ދަށުން، އަތޮޅުތެރޭގެ ރަށްތައް ކަމަށްވާ އުތީމު، ތަކަންދޫ އަދި ބާރަށުގައިވެސް ތަރިކަ ރައްކާތެރިކުރުމުގެ މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އުތީމު، ތަކަންދޫ އަދި ބާރަށުގައި ތަރިކަ ރައްކާތެރި ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިނާކުރެވޭ އިންޓަރެކްޓިވް އިމާރސިވް މިއުޒިއަމް މަސައްކަތް އުސްގެކޮޅާއި އެގެ ކޮޅު ހުރި ސަރަހައްދުގައި މިހާރު ކުރަމުންދާ ކަމަށާއި މި އަހަރު ތެރޭގައި މި ތާރީޚީ ޑިޖިޓަލް ދާރުލްއާސާރު ހުޅުވާނެ ކަމަށެވެ. މީގެ އިތުރުން، ދިވެހި ހިރިގަލު މިސްކިތްތަކާއި ގަލުވަޑާން ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ނިންމައި، ނޮމިނޭޝަން ފައިލް މިހާރު ޔުނެސްކޯއަށް ހުށަހަޅާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަޤާފީ ފަންނުތައް ދިރުވާ އާލާކުރުމުގެ ގޮތުން، ތުނޑުކުނާ ވިއުމާއި، ލިޔެލާ ޖެހުމާއި، ކަސަބު ގަތުން ފަދަ މަސައްކަތްތަކަށް ޤައުމީ ސަނަދުގެ ލެވެލް 3 ގެ ސްޓޭންޑަރޑްތައް ކަނޑައަޅައި އަމަލީ މަސައްކަތް ފެށިފައިވާ ކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ބ. ތުޅާދޫގައި ލިޔެލާ ޖެހުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީނު މަރުކަޒެއް ޤާއިމް ކުރުމާއި، ދ. ރިނބުދޫގައި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއްގެ އިތުރުން ގދ. ގައްދޫގައި ތުނޑުކުނާ ވިއުމުގެ ހުނަރު ދަސްކޮށްދޭ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ..

