2026 ވަނަ އަހަރު ރާއްޖޭގެ ދިހަ ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަަދު ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ މުހިންމު ބިނާތައް ކަމުގައި ސިފަކުރެއްވިއެވެ. “މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ މުހިންމު ބިނާތައް، ރާއްޖޭގެ ރަށްރަށުން އެ ޒީނަތްތެރިކަން ފެންނަންޖެހޭނެ،” ރައީސް ވިދާޅުވިއެވެ. މިގޮތުން މިސްކިތްތައް ބިނާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު، މިހާރުވެސް ޖުމްލަ 90 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 74 މިސްކިތް ބިނާކުރުމާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާނާ ބެހޭ މަރުކަޒުގެ އިތުރުން 6 ވަގުފު ބިނާއެއްގެ މަސައްކަތް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާއިތުވި އަހަރަކީ އިސްލާމީ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާލެވުނު އަހަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމާލުމުގެ އިތުރުން، ރާއްޖޭގެ ދިހަ ރަށެއްގައި މިސްކިތް ބިނާކޮށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު އަށް މިސްކިތެއް ހުޅުވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިސްކިތްތައް މަރާމާތުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އަހަރު މިސްކިތްތައް މަރާމާތުކުރުމަށް 19.4 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ. އަދި މި ހިނގާ އަހަރުގެ ތެރޭގައިވެސް މިސްކިތްތައް މަރާމާތުކުރުމަށް 15 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅުއްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ ތެރޭގައި 17 ރަށެއްގައި އަލަށް މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

