ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ކޮންމެ ދިވެހި ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 އެމެރިކާ ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ހުރިހާ ދިވެހި ރައްޔިތުންގެ އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދޭން ކެބިނެޓުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
ރައީސް މުޢިއްޒު އަންދާޒާ ކުރައްވާ ގޮތުގައި، މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެންނެވެ. މި މަޝްރޫއުގެ ދަށުން ކޮންމެ ރައްޔިތަކަށް އަހަރަކު އެވްރެޖްކޮށް މަދުވެގެން 400 ޑޮލަރު ލިބޭނެ ކަމަށް ބެލެވޭއިރު، މިއީ ފަސް މެންބަރުންގެ އާއިލާއަކަށް އަހަރަކު 2000 ޑޮލަރުގެ އާމްދަނީއެކެވެ.
ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 54 އަހަރު ވެފައިވާއިރު، މި ސިނާއަތުން ލިބޭ ނަފާ ރައްޔިތުންނަށް ސީދާކޮށް ލިބޭނެ ނިޒާމެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ގާއިމުކޮށްފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. “ފަތުރުވެރިކަމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރާ ސިނާއަތް ކަމަށްވާއިރު، އެ ވަސީލަތްތަކުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން،” ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓު ތަރައްޤީކޮށް، ދިވެހި ކޮންމެ ރައްޔިތަކީ އެ ރިސޯޓުތަކުގެ ހިއްސާދާރަކަށް ހެދުމެވެ. މިކަން ޤާނޫނީ ގޮތުން ކަށަވަރުކޮށް، ރިސޯޓުތަކުން ލިބޭ އާމްދަނީގެ ބައެއް ބޭރު ފައިސާއިން ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ރޭވިފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ސީދާ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެ ފުރަތަމަ ފަހަރެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ނަފާ މުޅި ރާއްޖެއަށް ފުޅާކޮށް، ރައްޔިތުން މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށް ސަރުކާރުން ހާމަކުރެއެވެ.

