ރާއްޖޭގެ ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ތަފްޞީލުތައް ހިމެނޭހެން، ސުކޫކް އަނބުރާ ދެއްކުމާއި ރީފައިނޭންސް ކުރުމުގެ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރަނީގެ އިންޓްރެސްޓް ރޭޓް މިހާރަށްވުރެ މަތިނުވާނެހެން ހިފަހައްޓަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުއްދަތު ހަމަވާ ސުކޫކަށް ފައިސާ ދެއްކުމާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމެވެ. މީގެ އިތުރުން ދަރަނި ނެގުމަށް ހިނގާ ޚަރަދުތައް ކުޑަކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމަނިކުފާނު ވިދާޅުވީ 2025 ވަނަ އަހަރުގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޛުކޮށްފައިވަނީ ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި، ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރުނުވާނޭހެން ކަމަށެވެ.
ދައުލަތުގެ އާމްދަނީއަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރު ނިމުނުއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 38.0 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2026 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. މާލީ ހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ ޖީ.ޑީ.ޕީގެ 6 އިންސައްތައިގައެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ގޮތުގައި، 3 ފެބްރުވަރީ 2026 އާ ހަމައަށް ރަސްމީ ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. މީގެ ތެރޭގައި އިންޑިއާއާއެކު އޮތް ކަރަންސީ ސްވޮޕް ފެސިލިޓީގެ ފައިސާވެސް ހިމެނޭއިރު، މިއީ އިޤްތިޞާދީ ކުއްލި ލޮޅުމެއް އަތުވެއްޖެ ޙާލަތެއްގައި ބޭނުންކުރުމަށް ސަރުކާރުގެ ފުރިހަމަ އިޚްތިޔާރު އޮތް ފައިސާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމީ ރިޒާވްގައި ބޭނުންކުރެވޭ ފައިސާގެ ގޮތުގައި 565 މިލިއަން އެމެރިކާ ޑޮލަރު ހުރިކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރު ބޭރު ފައިސާއިން 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާތީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސް.ޑީ.އެފް) ޖަމާކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށް، ރަސްމީ ރިޒާވް ވަރުގަދަކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މެދު ރާސްތާގައި ބަޖެޓު ޑެފިސިޓް ޖީ.ޑީ.ޕީގެ 10 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ (އެސް.ޑީ.އެފް) ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންކުރާ ބޭރު ފައިސާގެ ފަންޑެއްގެ ގޮތުގައި އަލުން ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 17 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ހަވާލުވިއިރު، އެސް.ޑީ.އެފް ގައި ބޭރުގެ ދަރަނި ދެއްކުމަށް ހުރީ އެންމެ 2 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ޑޮލަރު ހިފެހެއްޓުމަށާއި ފަންޑަށް ޖަމާކުރާ މިންވަރު އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަން ޙައްލުވެ، ކްރެޑިޓް ރޭޓިންގ އެޖެންސީތަކުގެ އިތުބާރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. 3 ފެބްރުވަރީ 2026 ގެ ނިޔަލަށް އެސް.ޑީ.އެފް ގެ ކޭޝް ބެލެންސް 275 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޭޕްރީލް 2026 ގައި މުއްދަތު ހަމަވާ ސުކޫކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމަށް ބޭނުންވާ 150 މިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާނީ އެސް.ޑީ.އެފް ގައި ރައްކާކުރެވިފައިވާ ބޭރު ފައިސާއިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބޭރުގެ ދަރަނިތައް އަދާކުރުމަށް އެސް.ޑީ.އެފް ބޭނުންކުރާނޭ ގޮތަށް މެދު ރާސްތާގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، މީގެ މަޤްޞަދަކީ ދަރަނި އަދާކުރުމަށް އިތުރު ލޯނު ނެގުން މަދުކޮށް، ޖުމްލަ ދަރަނި ދަށްކުރުން ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރަށް ވާރުތަވި އެންމެ ބޮޑު މާލީ ގޮންޖެހުމަކީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އެއީ 2017 ވަނަ އަހަރުގެ 250 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ބޮޑު އަގުގައި ނަގާފައިވާ ސުކޫކެއް ކަމަށާއި، އޭގެ އަސްލު ތަކްލީފު 10.5 އިންސައްތައަށް އަރާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މި ސުކޫކު ދެއްކުމަށް ތައްޔާރުވެފައިވާ ކަމަށާއި، ސުކޫކުގެ އެއްބައި ދެއްކުމަށްފަހު ބާކީބައި ރީފައިނޭންސް ކުރާއިރު، އިންޓްރެސްޓް ރޭޓް މިހާރަށްވުރެ ބޮޑުނުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ..
2018 ވަނަ އަހަރު އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ދޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި އެ ބޮންޑުގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށް މަޝްވަރާ ކުރެވި، އެކަމުގެ ފަންނީ އެއްބަސްވުންތަކަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ އާއި އެ ފަންޑާ ދެމެދު އާދެވިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭޕްރީލް މަހު މުއްދަތު ހަމަވާ ސުކޫކު ދެއްކުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރައްޔިތުންނަށާއި ދައުލަތުގެ ޚަޒާނާއަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި މީގެ ސަބަބުން ދައުލަތުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުވެ، އެސް.ޑީ.އެފް އާއި ރަސްމީ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

