މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ޚާއްސަ ކްލާސްރޫމްތަކާއި، އެކުދިންގެ ޙާލަތަށް ރިއާޔަތްކޮށް ޕްރައިވަސީ ލިބޭނެ ގޮތަށް ޚާއްސަ ފާޚަނާތަކާއި އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތައް ނެތް ހުރިހާ ސްކޫލްތަކެއްގައި މިއަހަރުގެ ތެރޭގައި އެ ވަޞީލަތްތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލާ ބެލެނިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ބެލެނިވެރިންނަށް "ވޯކް ފްރޮމް ހޯމް" ނުވަތަ ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ އިންތިޒާމު އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. މީގެ އިތުރުން އެކުދިންނަށް ޚާއްޞަ ފޮތްތައް ތައްޔާރުކުރުމާއި އޯލެވެލް އިމްތިޙާނަށް ތައްޔާރުވުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 955 ކްލާސްރޫމާއި، 78 މަލްޓިޕާޕަސް ހޯލްގެ އިތުރުން 2,923 އެޑިއުކޭޝަން ސަޕޯޓް ފެސިލިޓީގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް 142 ކްލާސްރޫމާއި 9 މަލްޓިޕާޕަސް ހޯލް އަދި ސައިންސްލެބާއި ލައިބްރަރީ ފަދަ 56 ވަޞީލަތެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
ސަރުކާރުގެ ސިޔާސަތަކީ އިންކުލޫސިވް އެޑިއުކޭޝަން ނުވަތަ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުން ފުޅާކުރުމެވެ. މިގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރުމާއި، ތަޢުލީމީ ދާއިރާގެ މަޢުލޫމާތުތައް ރިއަލްޓައިމްކޮށް ބެލެހެއްޓޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ކުރިއަށްދާނެއެވެ.

