ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ސަރުކާރުން ދޫކުރާ ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް އުސޫލުތައް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާއިރު މިހާރު ހުރި ހުރަސްތައް ނައްތާލައި، ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް ހުރި ނަމަވެސް ގޯއްޗަކަށް ކުރިމަތިލެވޭނެ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް ހުރި ނަމަވެސް ގޯއްޗަކަށް ކުރިމަތިލެވޭނެ ގޮތަަށް ވަރަށް އަވަހަށް ހުޅުވާލާނެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، އެކި ފަންތީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަގުހެޔޮކޮށް ފުލެޓު ގަނެވޭނެ މަގުތަކާއި، ސޯޝަލް ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
ތަފްސީލު އަންނަނީ—

