ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށާއި ނޫސްވެރިންނާ އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި، މިއަހަރުގެ މާޗް މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ބައްދަލުވުންތައް އާންމު އުސޫލުން ކުރިއަށްދާނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށެވެ. މީގެ އިތުރުން، އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއްފަހަރު ވަޒީރަކުވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މީޑިއާއާ މަޢުލޫމާތު ހިއްސާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އަހަރު ވަޒީރުން 424 ފަހަރު އަދި ވުޒާރާތަކުގެ އިސްވެރިން 493 ފަހަރު މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް 40،875 އަށްވުރެ ގިނަ ޕޯސްޓު ޝާއިޢުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅުނު އާރު.ޓީ.އައި (RTI) ފޯމުތަކުގެ ތަފާސްހިސާބު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު ރައީސް އޮފީހަށާއި މިނިސްޓްރީތަކަށް ހުށަހެޅުނު 1341 ފޯމުގެ ތެރެއިން 93 އިންސައްތަ ނުވަތަ 1251 ފޯމަށް ޖަވާބު ދެވިފައިވާ ކަމަށެވެ. އަދި ޖަވާބު ނުދެވި ހުރި ފޯމުތަކަށްވެސް ޖަވާބު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ޤައުމުގެ ހަމަޖެހުމާއި ތަރައްޤީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ޒިންމާދާރު މީޑިއާއެއްގެ މުހިންމުކަން ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ތެދު މައުލޫމާތު ފޯރުކޮށްދޭ މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި، އެ ހައްގު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ސާބިތުވެ އޮންނާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

