މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާ، މިއަހަރުގެ މެދުތެރޭގައި އެތަން ބޭނުން ކުރަން ފަށާނެ


މީޑިއާތަކަށް ޚާއްޞަ ކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާ، މިއަހަރުގެ މެދުތެރޭގައި އެތަން ބޭނުން ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާ ކަމަށެވެ. މީޑިއާތަކަށް މާލީގޮތުން ކުރިމަތިލާން ޖެހިފައިވާ ދަތި ޙާލަތުން އަރައިގަނެ، ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ކުޑައަގެއްގައި ކުއްޔަށް ނެގޭނެ އޮފީހާއި ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މިދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް ދަނީ ވަރަށް ހަލުއި ދުވެލީގައި ކުރިއަށް.” ރައީސް ޑރ މުއިއްޒު
ހުޅުމާލޭގެ ފޭސް 1 ގައި ހަދަމުންދާ މި މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނެއެވެ. މިތަން ތަރައްޤީ ކުރަނީ ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައެވެ. “މަންހަޓަން ގްރޭންޑު”ގެ ނަމުގައި އެ އިމާރާތް އަލުން ތަރައްޤީކުރާއިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ޚާއްޞަ ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު 4 ވަޢުދެއް ފުއްދުމަށެވެ.
މީޑިއާ ވިލެޖުގެ އިތުރުން، އެ އިމާރާތުގައި ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއްގެ އިތުރުން ތަރިކަ ކޮލެޖެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލެވޭނެއެވެ.
ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އަހަރު ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ގިނަ އަދަދެއްގެ އިންޓަވިއުތަކާއި މަޢުލޫމާތު މީޑިއާތަކަށް ދީފައިވާ ކަމަށެވެ. “މީގެ މަގްސަދަކީ ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް ބިނާކުރުމަށް އެހީތެރިވުން“ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް ހިފަހައްޓަމުން، ތެދު ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. މި ހައްގު ކަށަވަރު ކޮށްދިނުމުގައި ސަރުކާރު ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މިހާތަނަށް 40 މީޑިއާއަކަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިގޮތަށް މީޑިއާތަކަށް ސީދާ ފައިސާގެ އެހީ ދޫކުރަން ފެށި ފުރަތަމަ ފަހަރުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.