ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ މަޝްރޫޢު ނިމޭއިރު، ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ ކައުންސިލް އިދާރާތަކުގައި ފުރިހަމަވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވައިދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސްގެ ބަޔާނުގައި ވަނީ ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ އިދާރާތަކުގެ ޢުމްރާނީ ޙާލަތު ރަނގަލުކޮށް، ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ވެސް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށެވެ. އެ ގޮތުން މި އަހަރު ތެރޭގައި 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“ޕްރޮޖެކްޓް ނިމޭއިރު، ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ އިދާރާތަކުގައި ފުރިހަމަވެފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ” ރައީސޫލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން ޖުމްލަ 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިދާރާއެވެ.
މި މަޝްރޫޢުތައް ނިމުމުން ރަށްރަށުގެ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

