ހެންވޭރު ދަނޑުން ދޫކުރަމުން އައި މަސްދަޅު ކޭސްތައް މިރެއިން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރޯދަ ހަދިޔާ ދޫކުރަމުން އައި މަރުކަޒުތަކުގެ ތެރެއިން ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުން ދޫކުރަމުން ދިޔަ މަސްދަޅު ކޭސްތައް، މިރެއިން ފެށިގެން ދޫކުރަމުން ދާނީ ގަލޮޅު ދަނޑުން ކަމަށެވެ. މި ބަދަލާ ގުޅިގެން، މަސްދަޅު ކޭސް ހޯދުމަށް ހެންވޭރު ދަނޑަށް އެޕޮއިންޓްމެންޓް ހައްދަވާފައިވާ ރައްޔިތުން ގަލޮޅު ދަނޑަށް ވަޑައިގަތުމުން މަސް ކޭސް ލިބުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް އަންގާރަ ދުވަހުގެ ރެޔާ ހަމައަށް ވަނީ 35,132 މަސްދަޅު ކޭސް ދޫކޮށްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް މަސް ކޭސްތައް ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
ސަރުކާރުން ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފަށާފައިވަނީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދާނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.
މަސްދަޅު ކޭސް ހޯދުމަށް ބޭނުންވާ ޓޯކަން https://roadhahadhiya.mv/dv ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ

