މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / މިސްކިތްމަގު، ނިރިހާ، ޙުސައިން ސައިފު (33އ) އާއި، ޏ. ފުވައްމުލައް / ފުނާޑު، އެލީނާ، މުޙައްމަދު މޫސާ (72އ) އެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ސައިފު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ. އަދި މުޙައްމަދު މޫސާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައެވެ.
ޙުސައިން ސައިފު ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުވައްމުލައް ސިޓީ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މުޙައްމަދު މޫސާ ހައްޔަރުކުރީ މާލެއާއި ފުވައްމުލަކާ ދެމެދު ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ. ފެބުރުއަރީ 3 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރުގަނޑެއް ފެނިފައިވެއެވެ. އަތުލައިގަނެވުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35 ގުރާމު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ސައިފް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު މޫސާ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

