ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ނިންމައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ ގެންނަވައިފިއެވެ.
އެސިޓީ އަނބުރާ ގެންނަވާކަން އިޢުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދަށް ނޭދެވޭ އަސަރުކޮށް، ޤައުމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުން ލަފާދެއްވާފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށްޓަކައި ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މި މައްސަލައިގައި ވިލަރެސް ކޮމިޓީއަކުން އެކުލަވައިލި ރިޕޯޓަށް ރިއާޔަތްކޮށް، ރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީ.އީ.ޒެޑް) އަކީ ކުރިންވެސް ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ދޫކޮށްލި ބައި ހިމެނޭ ސަރަޙައްދު ކަމަށް ބަލައިގެން ކުރިއަށްދިއުމަށް ވަނީ ނިންމާފައެވެ. އަދި މި މައްސަލަ އިތުރަށް ބެލުމަށް ޤައުމީ އިންކުއަރީއެއް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
“22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރަން. މީގެއިތުރުން ކަނޑުގެ ސަރަހައްދުގެ ޤާނުނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ، ރާއްޖޭގެ އެސްއީޒެޑަކީ ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނުނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ނިންމާ މަޖިލިސް މެންބަރުގެ ހާޒިރުގައި އެކަން އިއުލާނުކުރަން.” ރައީސް
ރައީސް މުޢިއްޒު މޮރިޝަސްއަށް ފޮނުއްވި ސިޓީގައި ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުން ފާހަގަކުރައްވައި، އެތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބެންޖެހޭކަން ބަޔާންކުރައްވާފައިވެއެވެ. ފޯޅަވައްސަކީ މޮރިޝަސްއަށްވުރެ ރާއްޖެއާ މާ ކައިރީގައި އޮތް ތަނެއްކަން ފާހަގަކުރައްވަމުން، އެތަނުން ފެނިފައިވާ ދިވެހި އަކުރުން ލިޔެފައިވާ މަހާނަގާތަކާއި، 16 ވަނަ ގަރުނުގެ ރަސްމީ ފަތްކޮޅުތަކުން އެތަނަކީ ރާއްޖޭގެ ތަނެއްކަން ސާބިތުވާކަން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭ އިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލުގެ ހިއްސާ އޮތްކަން އެނގޭކަމާއި، މޮރިޝަސްގައި މީހުން އާބާދުވުމުގެ މާ ކުރިންވެސް ދިވެހިން އެ ސަރަޙައްދު ބޭނުންކުރަމުންދިޔަ ކަމުގެ އާސާރީ އަދި ތާރީޚީ ހެކިތައް ހުރިކަންވެސް މި ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

