ދިވެހި ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި ހެލްތު އިންޝުއަރެންސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފޯރުކޮށްދޭން ފަށައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ޚިދުމަތުގެ ދަށުން ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މިހާރު ވަނީ އިންޝުއަރެންސް ލިބޭނެ އިންތިޒާމު ހަމަޖެހިފައެވެ. މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
“މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް،” ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މި އިންޝުއަރެންސް ސްކީމުގެ ދަށުން ކުޅުންތެރިންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމުމާއެކު ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ކުޅިވަރުގެ މައިދާނުގައި ކުރިއަށް ދިއުމަށް ކުޅުންތެރިންނަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ. މިއީ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށާއި ކުޅުންތެރިންގެ ވެލްފެއާ ކަންކަން ރަނގަޅު ކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ.

