ދައުލަތުގެ ޕްރޮކިއުމަންޓްގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމާބެހޭ އުސޫލަށް ސަރުކާރުން މުހިންމު އިސްލާހުތަކެއް ގެނެސް، އެކަން ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިއުކޮށްފައެވެ. މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓްގެ މުއާމަލާތްތަކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ (އެމް.އެސް.އެމް.އީ) ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކަށް ލިބޭ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.
އިސްލާހުކުރެވުނު އުސޫލުގައިވާ ގޮތުން، 5 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަގުގެ ޕްރޮކިއުމަންޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، އެ ކެޓަގަރީގެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް އެ މަސައްކަތެއް ހަވާލުކުރަން ޖެހޭނެއެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ މަޝްރޫއުތަކުގައި އެމް.އެސް.އެމް.އީ ތަކުގެ ދައުރު ފުޅާވެ، އެފަދަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތަކަށްވެސް މި އުސޫލުގެ ދަށުން ވަނީ އާ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން 500,000 ރުފިޔާއަށް ވުރެ ކުޑަ އަގުގެ އިމާރާތްކުރުމުގެ މަޝްރޫއުތައް މިހާރު ހާއްސަކުރެވިފައިވަނީ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގެ ގްރޭޑް 7 ގައި ހިމެނޭ ކޮންޓްރެކްޓަރުންނަށެވެ. އަދި 500,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މަޝްރޫއުތައް ހާއްސަކުރެވިފައިވަނީ އެ ރަޖިސްޓްރީގެ ގްރޭޑް 4، 5، 6 އަދި 7 ގެ ކޮންޓްރެކްޓަރުންނަށެވެ.
މި ބަދަލަކީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައިވާ ދަނޑިވަޅެއްގައި ގެނެވުނު ބަދަލެކެވެ. އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގެ އަލީގައި ޕްރޮކިއުމެންޓް ނިޒާމަށް އިސްލާހެއް ގެންނަވާނެކަމުގެ ފެހި ސިގްނަލް ރައީސް ވަނީ ކުރިން ދެއްވާފައެވެ.
ފިނޭންސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި، މި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިއްސާ ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ސިނާއަތްތަކުގެ ގާބިލުކަން އިތުރުވެ، މުޅި ރާއްޖޭގައި ހުރި ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ނިންމުމަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވުމަށާއި، ދައުލަތުގެ މަޝްރޫއުތަކަކީ އެންމެންނަށް ހަމަހަމަކަމާއެކު ބައިވެރިވެވޭ ފުރުސަތުތަކަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މިއީ ގައުމުގެ އިގްތިސާދީ ކުރިއެރުމާއި ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މައިގަނޑު ބަހާ ކަމުގައި ބަލައިގަންނަކަން ހާމަކޮށްދޭ ކަމެކެވެ.

