ލޭ ހަދިޔާ ކުރުމަކީ ދެމިގެންވާ ޞަދަޤާތެއް ކަމުގައި ޢިލްމުވެރިން ވިދާޅުވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ލޭ ހަދިޔާ ކުރުމަކީ ޞަދަޤާތެއް" މި މައުޟޫ އަށް މިއަދުގެހުކުރު ޚުތުބާގައި ވަނީ މާތް ﷲގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމަކީ ދަރުމަހުރި ކަންކަންކަން ހާމަކޮށްފަ އެވެ
ޚުތުބާގައި ބުނިގޮތުގައި ހެޔޮ ޢަމަލުކުރުމުގެ މަގުތައް ވަނީ ތަނަވަސްވެފައެވެ. އެގޮތުން އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމަކީ ވެސް ކުރެވޭ ޞަދަޤާތެކެވެ. ނަމަވެސް ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާއިރު، މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ މަތިވެރި ޞަދަޤާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މާތް ﷲގެ ވަޙީބަސްފުޅަކާ ހަވާލާދީ ޚުތުބާގައި ބުނީ، ހެޔޮ ޢަމަލުކުޅަ މީހުންނަށް އެންމެ ހެޔޮ ޖަޒާ ކަމުގައިވާ ސުވަރުގެއާއި، އޭގެ އިތުރުން ﷲގެ ދީދާރުފުޅު ދެއްކެވުމުގެ ނިޢުމަތް ލިބޭނެ ކަމަށެވެ. އަދި މިއަދު މީސްތަކުންގެ ބޭނުންތައް ފުއްދައިދީ، ބޮޑެތި ކަންކަމުގައި އެހީތެރިވުމަކީ އާޚިރަތް ދުވަހުގެ ބޮޑެތި މުޞީބާތްތަކުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށްވެސް ފާހަގަކުރިއެވެ.
ލޭ އަޅަން ބޭނުންވާ ޙާލަތްތަކުގައި ބަލިމީހަކަށް ލޭ ހަދިޔާކުރުމަކީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއްކަން ފާހަގަކޮށް، އެކަމުގެ ސަވާބާއި އަޖުރުގެ މައްޗަށް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. ތިމާއަށް ކޮށްލެވޭ މިފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބިގެންދާނެއެވެ.
ޚުތުބާ ނިންމާލަމުން ބުނީ، ރާއްޖޭގެ ބުލަޑު ބޭންކުތައް މިއަދު ވަނީ ލޭ ހަދިޔާކުރާނެ މީހުންނަށް ނުހަނު ބޭނުންވެފައި ކަމަށެވެ. އެހެންކަމުން، މީހަކު ހަދިޔާކުރާ ލެއަކީ އެހެން މީހެއްގެ ފުރާނަ ސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެނަމަ، އެއީ ނުހަނު ގިނަ ސަވާބާއި ދަރުމަ ލިބޭނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

