މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، (އެމްޕީއެލް) އިން ދެމެހެއްޓެނިވި ލޮޖިސްޓިކްސް ނެޓްވޯކެއްގެ ހިދުމަތް ދިނުމަށް ފަރުމާކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ތެރެއިން މި ހިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.
މި ހިދުމަތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހައި މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ހަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުން މި ހިދުމަތުގެ ތެރޭގައި ހިމެނެއެވެ.
މި ހިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި ލޮޖިސްޓިކްސްގެ ހަރުދަނާ ހިދުމަތެއް ދެވޭނެ ގޮތްތަކެއް ރާވަން ޖެހޭކަމަށާއި، އެމްޕީއެލްއިން މި ފެށި ޚިދުމަތާއެކު ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ހާއްސަކޮށް ބޭރުގެ ކުންފުނިތަކުން މުދާ ގެނައުމުގައާއި ރިސޯޓުތައް ތަރައްޤީކުރާ ފަރާތްތަކަށް ބޭނުންވާ ތަކެތި އަވަހަށް ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް އަކީ ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާމުދަލުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ ހަރުހަލާއެއް، އެއް ވިއުގައަކުން ގުޅާލުމަށް އެމްޕީއެލްއިން ފަރުމާކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ. މިއާއެކު ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުންނަށް ލުއިފަސޭހަ ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ.
ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމްޕީއެލްއާއި ހަވާލުކުރީ 2025 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ.
އެމްޕީއެލުން އަލަށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ހިދުމަތް ހިމެނެއެވެ. މީގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓޭނަރުތައް އެމްޕީއެލްގެ އުޅަނދުތަކުގައި ސީދާ އަތޮޅުތަކުގެ ބަނދަރުތަކަށް ފޮނުވައިދެވޭނެއެވެ. މީގެ އިތުރުން ތިލަފުށީގައި ކޮމާޝަލް ވެއަރހައުސިންގ ގާއިމްކުރުމާއި، މާލޭ ބަނދަރުން އެއާޕޯޓަށް މުދާ އުފުލައިދޭ ސީ-ޓު-އެއަރ ކާގޯގެ ހިދުމަތްވެސް ވަނީ ފުޅާކޮށްފައެވެ.


