ލ. ގަމު ތުނޑީ އަވަށުގައި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކުރި “ތުނޑީ ބަނދަރު މިސްކިތް” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ޖުމްލަ 342 މީހުންގެ ޖާގައިގެ މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
މި މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 11 މެއި 2023 ގައެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ނަމާދުކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ބިނާއެކެވެ.
މިސްކިތްތައް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ އަހަރު ޖުމްލަ 90 މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި 74 މިސްކިތާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާން މަރުކަޒުތަކުގެ އިތުރުން ވަޤުފު ބިނާތައް ހިމެނެއެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 10 ރަށެއްގެ މިސްކިތާއި ހއ. ދިއްދޫ އިސްލާމީ މަރުކަޒު ވަނީ ހުޅުވާފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ސަރުކާރުގެ މުހިއްމު ސިޔާސަތަކީ މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރާ ތަންތަނުގެ އިތުރުން، ދީނީ އިލްމު ފަތުރާ އަދި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރިކުރުވާ މަރުކަޒުތަކަކަށް ހެދުމެވެ. މިގޮތުން ނަމާދަށާއި ޤުރުއާނަށް ލޯބިޖެއްސުމުގެ ހަރަކާތްތައް ހިންގުމާއި، އާބާދީ ބޮޑެތި ރަށްތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކޮށް ދީނީ ތައުލީމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

