ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ 2000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ޕީއެންސީން ބޭއްވި ލޯކަލް ކައުންސިލް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު މުއްތަލިބު ވިދާޅުވީ، މި މަޝްރޫޢު މިހާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވި، ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މަސައްކަތް ފެށުމުގެ އިތުރުން، މި ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރީ ސަރުކާރުން 2022 ވަނަ އަހަރު ފެށި 400 ހައުސިންގ ޔުނިޓްގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ، އެ މަޝްރޫޢު ހުއްޓިފައި އޮތީ ކުރީގެ ކޮންޓްރެކްޓަރުގެ އިހުމާލުން ކަމަށެވެ. އެގޮތުން، އެ ކުންފުންޏަށް ބޮޑު އަދަދަކުން ފައިސާ ދޫކޮށްފައިވީ ނަމަވެސް، 18 މަސްދުވަސް ތެރޭގައި ނިމިފައިވަނީ މަސައްކަތުގެ އެންމެ 18 އިންސައްތަ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުރީގެ ކޮންޓްރެކްޓް މިހާރު ބާތިލުކޮށް، އެ 400 ޔުނިޓްގެ މަސައްކަތްވެސް މިހާރު އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
“މާތް ﷲ އިރާދަފުޅާއެއްކޮށް މިމަސް ތެރޭގައި ނޫނީ އެންމެ ލަސްވެގެން މާޗު މަސް ތެރޭގައި އެޗްޑީސީގެ ފަރާތުން މަސައްކަތް ކުރާނެ ބަޔަކު ހޯދައި، މަސައްކަތް ފެށުމުގެ ހުރިހާކަމެއް ހަމަޖެހިގެންދާނެ،” ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު
ކުޅުދުއްފުއްޓަކީ އުތުރުގެ މައި މަރުކަޒަށް ވެފައި، އާބާދީ އިތުރުވަމުންދާތީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި މި ޔުނިޓުތައް ދޭންޖެހޭ ފަރާތްތައް ހޯދުމަށްޓަކައި އިއުލާންކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

