އެމްޑީޕީގެ ނިމިދިޔަ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖޭގެ ތަރައްގީގެ ބޮޑު އެންމެ މަޝްރޫއުއެއްވެސް ނިންމިފައިނުވާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު އެހެން ވިދާޅުވީ އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ހދ. ކުޅުދުއްފުިން ވާދަކުރާ އެޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަމެއް ފެނިގެންގޮސްފައިވާކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ތަރައްގީއަށް ނިންމުނު އެއްވެސް މަޝްރޫއުއެއް އެމްޑީޕީގެ ވެރިއަކަށް ނުދެއްކޭނެކަމަށެވެެ. އެމްޑީޕީގެ ވެރިކަމުގައި ފެށި އެންމެ ބޮޑު މަޝްރޫއުއަކީ ތިލާމާލެ ބުރިޖު މަޝްރޫއުކަން ފާހަގަ ކުރައްވާ ފަލާހު ވިދާޅުވީ ފަސް އަހަރުގެ ދައުރު ނިންމާލީ ބުރިޖުގައި ތަބެއްޖެހުމަށް ކަމަށެވެ.
އެމްޑީޕީގެ ނިމިދިޔަ ފަސް އަހަރު ރާއްޖޭގެ ތަރައްގީގައި ބޮޑު އެއްވެސް މަޝްރޫއެއް ނިންމިފައެއް ނޯނާނެ، އެމްޑީޕީގެ އެއްވެސް ވެރިއަކަށް ނިންމުނު މަޝްރޫއުއެއް ނުދެއްކޭނެ، ފެށި އެންމެ ބޮޑު މަޝްރޫއުއަކީ ތިލަމާލޭ ބުރިޖު އެޅުން،"‘ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ފަލާހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ޒައާމަތު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭވަރުގެ ‘ތަރައްގީގެ ޒައާމަތަކަށް، ކަމަށެވެ. އެހެންކަމުން ދަރިންނާއި ރަށާއި ސިޓީއާއި ގައުމަށްޓަކައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ ކުރިއަށް މިއޮތްތީ ރާއްޖޭގައި ބޭވޭ އެންމެ ބޮޑު އިންތިހާބުކަމަށް ވާ ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި، މި އިންތިހާބުގައި 1352 ކެނޑިޓޭޓް މި އިންތިހާބުގައި އެކިއެކި ގޮނޑިތަކަށް ހޮވަންޖެހޭ ކަމަށެވެ.
ފަލާހު ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް މި އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާންވެސް ނުކެރުނު ކަމަށެވެ. އެހެންވުމުގެ ސަބަބުން އެ ޕާޓީއަށް މިހާރުވެސް "ފްރީ"ކޮށް ބައެއް ގޮނޑިތައް ލިބިފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

