ނިއުޒީލެންޑްގެ ވައިޓެންގްއީ ޑޭ ނުވަތަ އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ގަވަނަރ ޖެނެރަލް ޑޭމް ސިންޑީ ކީރޯ އަށާއި، ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޯންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ނިއުޒީލަންޑްގެ ގަވަނަރ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި “ޓްރީޓީ އޮފް ވައިޓަންގްއީ”ގެ އަސާސްތައް ކަމަށްވާ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި އިޙްތިރާމް ކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. އަދި މި އަސާސްތަކަކީ ނިއުޒީލަންޑްގެ ގައުމިއްޔަތު ބައްޓަންވެފައިވާ މުހިންމު އަސާސްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރައްވައި، އެކި ދާއިރާތަކުން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެއިން އޮތް ސާބިތުކަން ރައީސް ޔަޤީންކޮށްދެއްވިއެވެ.
ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސޯންއަށް ފޮނުއްވި ސިޓީފުޅުގައި، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަހުމަތްތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ނިއުޒީލަންޑުން ރާއްޖެއަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ވައިޓަންގްއީ ދުވަހާ ގުޅިގެން ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ވައިޓަންގްއީ ދުވަހަކީ ކުރިއެރުމާއި ޤައުމީ އެއްބައިވަންތަކަމާ ގުޅިފައިވާ މުހިންމު ދުވަހެއްކަން ފާހަގަކުރައްވާފައެވެ.
ނިއުޒީލެންޑްގެ ވައިޓަންގްއީ ޑޭގެ ގޮތުގައި ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް ފާހަގަކުރަނީ، އެ ޤައުމުގެ ފައުންޑިންގް ޑޮކިއުމެންޓް ކަމަށްވާ “ޓްރީޓީ އޮފް ވައިޓަންގްއީ” ގައި ސޮއިކުރި ދުވަހުގެ ހަނދާނުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ނިއުޒީލެންޑްގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮކަމާއި އަމާންކަމަށް އެދިވަޑައިގަންނަވަމުންނެވެ.

