ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ފޮނުއްވި ހާއްސަ ސިޓީފުޅެއް އެ ގައުމުގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ނައިބް، ވަލީދު އަލްހަރީޖީއާ ހަވާލު ކުރައްވައިފި އެވެ.
މި ސިޓީފުޅު ހަވާލުކުރެއްވީ ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު، ސައުދީގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ނައިބް، ވަލީދު އަލްހަރީޖީއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާގައެވެ.
ސަފީރު އަހުމަދު ސަރީރު ފޭސްބުކްގައި ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ގާތް ގުޅުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. ނަމަވެސް، ރައީސް ފޮނުއްވި ސިޓީފުޅުގައި ހިމެނޭ ތަފްސީލީ މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ އަހަރު ސައުދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިންވެސްޓްމަންޓް، އިގްތިސާދު، ދަނޑުވެރިކަން، މަސްވެރިކަން އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް އޮންނަ ދެ ގައުމެވެ. މި ސިޓީފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މުއާމަލާތެއްގެ ގޮތުގައި ބެލެވެއެވެ.

