ސ. ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ. އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ރިޝްވާނެވެ.
މި އެއްބަސްވުމުގެ ދަށުން ހިތަދޫ ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ދެކުނުގެ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ތަކެތި ބަލްކްކޮށް ރައްކާކުރާނެ ހާއްސަ ސަރަހައްދެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނީ މިފަދަ ވިޔަފާރީގެ ފުރުސަތުތައް އުފައްދައިގެން ކަމަށެވެ. “ބައިނަލްއަޤްވަމީ ހިދުމަތް ދޭ ޕޯޓް އޮތްއިރު، މިއީ ހަމައެކަނި ސެޓަލައިޓް ދެ ޕޯޓްގައި އޮވެގެނެއް ވިޔަފާރިއެއް ނުއުފެދޭނެ. އެތަންތާ ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން،” މިނިސްޓަރު ވިދާޅުވިއެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ ރިޝްވާން ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތްތަކުގެ ސަބަބުން އަތޮޅުތަކަށް އަންނަ މުދަލުގެ އަގު ހެޔޮވެ، ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެއެވެ. އަދި މިއީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރިޝްވާން އިތުރަށް ވިދާޅުވީ، 2027 ވަނަ އަހަރު މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަރަހައްދީ ބަނދަރުތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
އައްޑޫ ސިޓީގައި މި ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށާއި، ދެކުނުގެ އިޤްތިޞާދު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

