ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) އިން މާލޭގައި އިމާރާތް ކުރަމުންދާ ކްރިއޭޓަރ ހަބް އިމާރާތް މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އިމާރާތަކީ ދިވެހިރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ޚާއްސަކޮށް، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ތަރައްގީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އިމާރާތުގައި ދިވެހި ފަންނުވެރިންނަށާއި އުފެއްދުންތެރިންނަށް ޚާއްޞަ މަސައްކަތް ކުރުމުގެ ޖާގަތަކެއް ޤާއިމުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭ އެންމެހައި ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ދެވޭ ޚާއްޞަ މަރުކަޒަކަށް މިތަން ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ބީ.ސީ.ސީ.އިން ދެމުންދާ ކޮންސަލްޓަންސީގެ ޚިދުމަތްތަކާއި، ވިޔަފާރީގެ މަސައްކަތުގެ ޖާގަތަކާއި އަދި އޮތެންޓިކް މޯލްޑިވްސްގެ މާލެ ފިހާރަވެސް މި އިމާރާތުގައި ގާއިމު ކުރެވިގެންދާނެއެވެ.
އިމާރާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާ ގުޅޭގޮތުން ރައީސް ވިދާޅުވީ، “މި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އިރާދަކުރެއްވިއްޔާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވާނަން.” ކަމަށެވެ.

