ސަރުކާރުން އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ އައިނު ފިހާރަ، އައްޑޫ ސިޓީ ހިތަދޫގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ރައްޔިތުން އައިނު ހެއްދުމަށް ކުރާ ބޮޑު ހަރަދަށް ލުޔެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހުޅުވުނު ފިހާރައެކެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރި މި އައިނު ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހުޅުވި ތިންވަނަ އައިނު ފިހާރައެވެ. އެމްސީޖީއެޗުން މިހާރު ވެސް އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި، ކާމިޔާބުކަމާއެކު ހިދުމަތް ދެމުންނެވެ. އޭއީއެޗްގައި ހުޅުވި މި ފިހާރަ ހުންނަނީ ހޮސްޕިޓަލަށް ވަންނަ މައި ދޮރާވީ ފަޅިން، ހޮސްޕިޓަލުގެ ބޭރުން ވަދެވޭ ގޮތަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، އަތޮޅުތެރޭގައި ގާއިމުކުރާ ދެވަނަ އައިނު ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައި ކަމަށެވެ. "މި މަހުގެ ތެރޭގައި ކުޅުދުއްފުށީގައި ގާއިމުކުރާ އައިނު ފިހާރަ ހުޅުވައި ހިދުމަތް ފެށިގެންދާނެ،" ހަލީމް ވިދާޅުވިއެވެ.
ރާއްޖޭގައި އައިނު ހެއްދުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާއިރު، ސަރުކާރުން ވަނީ މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން، ކުރިން އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދެމުންދިޔަ 1,000 ރުފިޔާގެ އިނާޔަތް، ރައީސް މުޢިއްޒުގެ ނިންމެވުމާއެކު މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ 2,000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ.
މި އައު ހިދުމަތާއެކު، އަތޮޅުތެރޭގެ ރައްޔިތުންނަށް މާލެ ނައިސް، ފެންވަރު ރަނގަޅު އައިނު ހެއްދުމުގެ ފުރުސަތު ފަހިވެ، މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

