ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.
މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްއޭސީއެލް އިން ވިދާޅުވީ، މިހާތަނަށް ހިއްކާފައިވާ 78 ހެކްޓަރަކީ މުޅި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 111 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތަށް އެމްއޭސީއެލް އިން ބޭނުންކުރަމުންދަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. މިއީ އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ބޭރުކުރުމުގެ ގާބިލުކަން ލިބިގެންވާ، މިވަގުތު ދުނިޔޭގައި އޮތް އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މުހިންމު މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ ދިއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، އެ ރަށުގައި އެއާޕޯޓެއް ތަރައްގީކޮށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.


