އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މި ދެ އިންތިހާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރާއިރު، ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނީ ގުރުއަތުލުން ބާއްވާ ބުރާސްފަތި ދުވަހާ ހަމައަށެވެ. ކައުންސިލް އިންތިހާބުގައި އެކަނިވެސް ޖުމްލަ 1،611 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރާ 1،210 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ 401 ފަރާތެއް ހިމެނެއެވެ.
ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ޕީއެންސީންނެވެ. އެ ޕާޓީގެ ފަރާތުން 665 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީޕީން 495 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން އެމްޑީއޭ އިން 31 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 8 ކެންޑިޑޭޓުން، ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން އަދި އަދާލަތު ޕާޓީން 3 ކެންޑިޑޭޓުން ވާދަކުރެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ 1،383 ކެންޑިޑޭޓުންގެ ފޯމު ބަލައިގެންފައެވެ. މީގެ ތެރެއިން 5 ސިޔާސީ ޕާޓީއަކުން 1،116 މީހުން ކުރިމަތިލާފައިވާއިރު، އަމިއްލަ ގޮތުން 267 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިހާބުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން 665 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޖުމްލަ އިންތިހާބުކުރަން ޖެހެނީ 678 ކެންޑިޑޭޓުންނެވެ.

