ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، މިހާރު ވެސް ޕީއެންސީއަށް ހަތް އިންސައްތަ ގޮނޑި އިންތިހާބަކާ ނުލައި ކާމިޔާބު ކުރެވިފައިވާ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާއަށާއި ޕީއެންސީއަށް ރައްޔިތުންގެ އޮތް ބޮޑު ތާއީދު ހާމަވާ ކަމެއް ކަމަށެވެ. އަދި ކެންޑިޑޭޓުން ނަން ނެގުމުގެ މުއްދަތު ހަމަވާއިރު، އިންތިހާބަކާ ނުލައި ކާމިޔާބުވާ ގޮނޑީގެ އަދަދު 10 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީގެ ތެރޭގައި އޮތް ސިޔާސީ ކޯޅުންތަކުގެ ސަބަބުން އެމްޑީޕީގެ ކެންޑިޑޭޓުން ކުރިއަށް ދާން ބޭނުންނުވާ ކަމަށެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ ތަރައްގީއަށް މީގެ ކުރިން އިހުމާލުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ސިޓީތަކާއި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދެން،” ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީއަށް ލިބިއްޖެނަމަ، މި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް މީގެ ކުރިން ނުދެކޭ ފަދަ ބޮޑު ތަރައްގީއެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

