މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި މަސައްކަތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މަސްމާރުކޭޓު ސަރަހައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެންފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވައި، މަސައްކަތުގެ ތަފްސީލު އޮޅުންފިލުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމެންޓުގެ ދަށުން ތަރައްޤީކުރަނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. މި ސަރަހައްދުގެ މަގު ފުޅާކޮށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ އަމާޒަކީ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމާލުމެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ..ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި ސަރަހައްދު ހުޅުވާފައިވަނީ 2025 ޑިސެންބަރު މަހުއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ވަސީލަތްތައް ގާއިމުކުރެވިފައިވާ މަގަކަށެވެ. މީގެ ސަބަބުން ޓްރެފިކަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ އަދި އަމާން މާޙައުލެއް ގާއިމުވެގެންދާނެއެވެ.

