ފްރާންސްގައި އުފައްދާ “ބޭބީބަޔޯ” (Babybio) މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗްތަކުގައި “ސެރެއުލައިޑް” ކިޔާ ވިހަ މާއްދާއެއް ހުރިކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ވިހަ މާއްދާއަކީ “ބެސިލަސް ސިރިއަސް” ކިޔާ ޖަރާސީމަކުން އުފައްދާ އެއްޗެކެވެ.
މި މާއްދާއިން ތަގައްޔަރުވެފައިވާ ކިރު ބޭނުންކޮށްފިނަމަ މޭނުބައިކުރުމާއި، ހޮޑުލުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ދިމާވެދާނެއެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.
- މައްސަލަ ދިމާވެފައިވާ ބެޗްތަކުގެ ތެރޭގައި ހިމެނެނީ
- ބޭބީބަޔޯ އޮޕްޓިމާ 1 ގެ 400 ގްރާމް ބެޗް ނަންބަރު؛ 900932
- 800 ގްރާމްގެ ބެޗް ނަންބަރު؛ 894408
- 800 ގްރާމްގެ ބޭބީކެޕްރިއާ 1 ގެ 800 ގްރާމްގެ ބެޗަކަށްވެސް ސަމާލުވުމަށް ވަނީ އަންގާފައެވެ.
އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭގެ ނަމްބަރު 3034213 / 7603204 އަށް ގުޅުމަށް އެ އޮތޯރިޓީން އެދެއެވެ.

