މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިއްބާ މި މަހުގެ ދެވަނަ ދުވަހު މަރުވި ދެ ގައިދީއެއްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި މަހުގެ ދެވަނަ ދުވަހު މަރުވެފައިވަނީ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، އުމުރުން 45 އަހަރުގެ ޙަސަން ނިޔާޒު އާއި، މާލެ ދަފްތަރު ނަންބަރު ދރ 439، އުމުރުން 53 އަހަރުގެ އިބްރާހީމް ސުހައިލް އެވެ. މި ދެ މީހުންނަކީ ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ މީހުންނެވެ.
މި ހާދިސާގެ ތަފްސީލް ހިއްސާކުރަމުން ފުލުހުން ބުނީ، ޙަސަން ނިޔާޒު މަރުވެފައިވަނީ އޭނާގެ ހާލު ދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. އަދި އިބްރާހީމް ސުހައިލް މަރުވީ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ހަމަ އެ ދުވަހުގެ ވަގުތެއްގައެވެ.
މި ދެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިތޯ ބަލައި، މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ވަނީ އެ ދެ މީހުންގެ އޮޓޮޕްސީ ހެދުމަށް ނިންމާފައެވެ. އެގޮތުން، އޮޓޮޕްސީ ހެދުމަށްޓަކައި ހަށިގަނޑުތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.
ޖަލުގައި ތިބޭ ގައިދީން ކުއްލި ގޮތަކަށް މަރުވާ މައްސަލަތަކުގައި މީގެ ކުރިންވެސް ފުލުހުން ވަނީ އޮޓޮޕްސީ ހަދައި، މަރުގެ ހަގީގީ ސަބަބު ހޯދުމުގެ މަސައްކަތް ކޮށްފައެވެ. މި ދެ މައްސަލަވެސް ފުލުހުން މިހާރު އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ

