ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ދުފާނެ ގޮތްތައް ހޯދައި، އެކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ. މި ޗެލެންޖަކީ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިހު ޒަމާނުގައި ދިވެހިން ދުފި ގޮތްތައް، ސިއްހަތަށް ފައިދާހުރި ގޮތަކަށް ބަދަލުކުރެވިދާނެ ގޮތްތައް އާންމުންނަށް ދައްކައިދިނުމެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުން އެޗްޕީއޭ އަދި ދިރާގު ފޭންސް ޓެގްކުރަން ޖެހޭނެއެވެ. އަދި ވީޑިއޯ ހިއްސާކުރާއިރު #UnitedbyUnique_WCD2026 އަދި #healthydhufun މި ދެ ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ.
މި ޗެލެންޖަށް ތައްޔާރުކުރާ ވީޑިއޯތަކަކީ ނެށުމާއި، ކޮމެޑީ ނުވަތަ މުޖުތަމައާ ވީހާވެސް ގުޅޭ ގޮތަކަށް ތައްޔާރުކޮށްފައިވާ ވީޑިއޯތަކަކަށް ވެދާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މި ޗެލެންޖުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގައި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ އެންމެ އާންމު އެއް ސަބަބަކީ ދުފުމެވެ. މިކަމަށް އިޝާރާތްކޮށް އެޗްޕީއޭ އިން ވަނީ ސިއްހަތަށް ގެއްލުންވާ ގޮތަށް ދުފުމުގެ އާދަތަކާ ދުރަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
ކެންސަރު ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމަކަށްވާއިރު، މިފަދަ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް މެސެޖު ފޯރުކޮށްދިނުމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ކަމެއް ކަމަށް އެ އިދާރާއިން އުންމީދު ކުރެއެވެ.

