މާލޭގެ ބަރުބަރީ މިސްކިތް މި މަހުގެ 16 ވަނަ ދުވަހު އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބަރުބަރީ މިސްކިތް މިމަހުގެ 16ވަނަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މިސްކިތަކީ 3 ބުރިއަށް ބިނާކުރެވިފައިވާ 1400 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ގޮތައް ބިނާކުރެވިފައިވާ ޒަމާނީ މިސްކިތެކެވެ.
ވިލި މާލެ މަސްޖިދުއްސަލާމްގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލެ ޒިކުރާ މިސްކިތުގެ މަސައްކަތް ވެސް ރަމަޟާން މަސް ފަހުން ފެށިގެންދާނެކަމަށާއި، ރަމަޟާން މަސް ކައިރި ވެފައި އޮތުމުން މިތަންތަން ތަޅާ ނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައިކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދެމިސްކިތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ސްޕޮންސަރ ވަނީ ލިބިފައެވެ. ދެން މާލެ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެތަނަށް ވެސް އެހީ ހަމަޖެހިގެންދާނެކަމަށާއި މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެމިސްކިތުގެ މަސައްކަތް އަންނަ އަހަރު ރޯދައަށް ނިމޭން ކަމަށާއި ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަންގޮތުގައި ދަމަހައްޓާނެ ކަމަށް ވަޒީރު ވިދާޅުވއިެވެ.
ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުވެ.

